ފާރުގައި ކުރެހިޔަސް އިންޑިއާއިން އައްޑޫ ސިޓީގައި ހިންގާ ޕްރޮޖެކްޓްތައް ނުހުއްޓުވޭނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އޮފީހާއި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގައި އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި އިންޑިއާ އައުޓް ޖަހާފައިވާތީ އެކަމަށް އިޝާރަތް ކުރަށްވަމުންނެވެ.

އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޑުއަށް ވަޑައިގެންނެވި ކަމުގެ ހެކި އެމަނިކުފާނު ފުރާވަޑައިގެންނެވުމާއެކު ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މީހުންގެ މުދަލާއި ނަފްސަށް އަނިޔާ ދިނުމުގެ ސިލްސިލާއެއް ފެށިފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ. ނިހާދު ވަނީ އެކަން ހުއްޓުވައި ދިނުމަށް ރައީސް ޔާމިންގެ އަރިހުން އެދިވަޑައިގެންފައެެވެ.

"ކިތަންމެ ވަރަކަށް ފާރު، ކާރު، ގައިގައި ކުރެހިޔަސް އިންޑިއާ އިން ހިންގާ ޕްރޮޖެކްޓް ނުހުއްޓުވޭނެ." ނިހާދު ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ރައީސް ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވައި އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ވަނީ އަންގަވާފައެވެ.



އައްޑު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ އެއް ފަހަރާ އައްޑޫގެ ހުރިހާ ގެއެއްގައި އިންޑިއާ އައުޓް ޖަހައިފިނަމަ ފުލުހުން އުޅޭނީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެ އެ ހަރަކާތަށް ހިތްވަރު ލިބޭގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން