މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.8 ބިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށެވެ.

ދަޢުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ 16.04 ބިލިއަން ރުފިޔާއާއެކު ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 36.7 އިންސައްތަ އިތުރުވެފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.09 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ފަދަ އާމްދަނީތަކެވެ.

މިއަހަރުގެ މިމުއްދަތުގައި ދަޢުލަތުގެ ބަޖެޓުން 30.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު،، މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައިވަނީ 16.4 ބިލިއަން ރުފިޔާއެވެ.

ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކުރަނީ ރިކަރެންޓް ޚަރަދަށެވެ. ނުވަތަ ސަރުކާރުގެ އިދާރީ ހިންގުމަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން