ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ނިންމާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ކޮންމެ މުދައްރިސަކީވެސް ޑިގްރީ ފެންވަރަށް ކިޔަވާފައިވާ މީހަކަށް ހެދުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު މުދައްރިސުންނަށް ލައިސަންސް ދޫކުރުމަކީވެސް މި މަސައްކަތުގެ ދަށުން ކުރާ ކަމެކެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ތަންފީޒްކުރަން ފެށި ތަޢުލީމީ ޤާނޫނުގެ ދަށުން މުދައްރިސުންގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި "ޓީޗާރސް ރަޖިސްޓްރޭޝަން" ބޯޑެއް ވަނީ އެކުލަވާލާފައިކަމަށެވެ.

ތަޢުލީމުގެ ޤާނޫނުން ޙަވާލުކުރެވިފައިވާ އެންމެ މުހިއްމު ކަމަކީ ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުންކަމަށްވާއިރު އެކަމަށްޓަކައި އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުންކަން އެޑިއުކޭޝަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްްޓަރ ވިދާޅުވީ އެކަން ކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރު ތައްޔާރުކޮށް މިދިޔަ އޯގަސްޓް މަހުން ފެށިގެން މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައިކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބި ދަރިވަރުންގެ ފެންވަރު ރަނގަޅުވާނުމަށް މަގުފަހިވާނެކަން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މުދައްރިސުންނަށް ލައިސަންސް ދޫކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ މުދައްރިސުންނަށް ލައިސަންސް ދޫކޮށް ނިންމާލެވޭނެކަމަށެވެ.

މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 6000 އަށް ވުރެ ގިނަ ދިވެހި މުދައްރިސުން ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން