މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިހާތަނަށް 135،000ރ. ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މ. ނިރުފެހިގޭގައި ހުންނަ ގަރާޖެެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެފައެވެ. އެހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.

އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އާއި ގުޅިގެން 33 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށެެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި 18 ދިވެހިން ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެެެެެއެވެ.



އެންޑީއެމްއޭއިން ބުނީ ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީގެ ގޮތުގައާއި އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި އެ ފަރާތްތަކަށް ބޭނުންވާ ހައިޖިން ކިޓު ހޯދުމާއި އަދި އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި ޖުމްލަ 135،471ރ. މިހާތަނަށް ހޭދަވެފައިވާ ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ސްކޫލް ކުދިން އަނބުރާ ސްކޫލަށް ދިޔުމަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށާއި މި ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމެންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. މީގެއިތުރުން މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން