ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގައި މިނިވަންކަން ނެތް ވާހަކަ އާއި އަނިޔާވެރިކަމުގެ ވާހަކަ ރައީސް އަބުދު ﷲ ޔާމިން ދައްކަވާތީ ލަދުގަންނަކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމްގައި ރޭ ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރުގައި މިނިވަންކަމެއް ނެތް ވާހަކައާއި އަނިޔާވެރިކަމުގެ ވާހަކަ ރައީސް ޔާމިން ދައްކަވާތީ އެ ވާހަކަ އަޑުއައްސަވަން ލަދުވެތިވެވަޑައިގަންނަވާ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ކުރީގައި ރައީސް ޔާމިންގެ ސަރުކާރުގައި ކަންތައް ހިނގާދިޔަގޮތް ދިވެހި ރައްޔިތުން ހަނދާން ނެތޭހާ ދުވަސް އަދި ނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މީޑިޔާގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ދިވެހި ރައްޔިތުންނަށް އެބައޮތް ކަމަށާއި، މިނިވަންކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައ ގާނޫނަށް ބެލުމެއް ނެތި ހިތުހުރިގޮތަކަށް އަމަލު ކުރަމުންދިޔަކަމަށާއި ކަމާ ގުޅުންހުރި މުވައްސަސާތައް އޭރު ތިބީ ބިރުން އެއްޗެއް ބުނަން ނުކެރިފައި ކަމަށެވެ. އެހެންނަމަވެސް މިއަދު އެހާލަތު ބަދަލުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތާއި ރައީސް ޔާމިންގެ ސަރުކާރުގައި ގައުމުގެ އޮތް ހާލަތާއި އުޑާއި ބިމާހާ ތަފާތު ހިސާބަކަށް މި ސަރުކާރުގެ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ގެންދެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ މި ސަރުކާރުގައިވެސް އެކި މުވައްސަސާތަކުގައި ގޯސްތައް ހިނގާނެ ކަމަށާއި ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން ރަނގަޅު ކުރުމުގެ ނިޔަތާއި އެކަންކަން ކުރާތަން ސާފުކޮށް ފެންނަން އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި ދިމާލަށް އަމާޒުކޮށް ވާހަކަ ދައްކާ މީހުންގެ ތާރީޚަށް ބަލާލާފައި ކަންކަން ވޭތޯ ނުވޭތޯ ކިހާ ހިސާބަކުތޯ ކަންކަން އޮތީ ބުނަންވާނީ، މިނިވަންކަމެއް ނެތޭ އަނިޔާވެރިކަމޭ އޮތީ ރައީސް ޔާމިން ނިކުންނަވާ ބުނީމަ އަޅުގަނޑު ލަދުވެސް ގަނޭ އެ ވާހަކަ އަޑުއަހަން، މީޑިޔާގެ މިނިވަންކަން ނެެތޭ އޮތީ އަނިޔާވެރިކަމޭ، ބައްލަވާ އަދި އަޅުގަނޑުމެން ހަދާން ނެތޭހާ ދުވަހެއް ނެތޭ މި ވޭތުވެ ދިޔަ ހަތަރު އަހަރު ކުރީގެ ކަންކަމެއް،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ކަންކަން ހިނގަނީ ރަނގަޅަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ކަމަށެވެ. މުޒާހަރާކުރަން ގިނަ ބަޔަކު މަގުމައްޗަށް ނުނުކުންނަނީ އެހެންވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މުޒާހަރާ ކުރަން ރައްޔިތުން މަގުމައްޗަށް ނުކުތުމުން މިހާރު އަނިޔާ ނުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ހިތުގެ އަޑީގައި ނަފުރަތެއް އޮތަސް ހިތުގެ އަޑީގައި ގޯހެއް ނެތް ކަމަށް ގަބޫލު ކުރާކަމަށްވައްޏާމު ނުނުކުންނާނެ ނޫންތޯ މަގުމައްޗަށް ނިކުމެ ހައްޔަރު ވެދާނެތީ ނުވަތަ އެހެންކަމެއް ވެދާނެތީ އެހެން ވެގެން ނުނިކުންނަނީ، އެހެންނޫނީ އަޅުގަނޑުމެންނަށް އޭރު (ރައީސް ޔާމިންގެ ސަރުކާރުގައި) އަނިޔާ ލިބެމުންދިޔައިރު އަޅުގަނޑުމެން ނިކުތް ހައްޔަރުވީ އަނިޔާ ލިބުނު، އެބޭފުޅުން ނިކުންނަންވީ ނޫންތޯ އެގޮތަށް އެއީ އަޅުގަނޑު ދެކޭގޮތް،" ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން