ކޮންމެ ރަށެއްގައި ހުންނަ ސިއްޙީ މަރުކަޒު މެދުވެރިކޮށް މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންގެ ތެރެއިން އެކަމުން ސަލާމަތްވާން އެދޭ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި، ހާފްވޭ ސެންޓަރ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށާއި އެހެންކަމުން މިކަމަށް މުޅި ރާއްޖޭގައިވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެސެސްމަންޓެއް މިހާރު ހަދާފައިވާއިރު، ފަރުވާއަށް ދެމުންގެންދިޔަ ޕްރޮގްރާމްތައްވެސް މުރާޖާކުރެވިފައިވާކަމަށެވެ. އަދި އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ މީހުން ތަމްރީންކޮށް ނިމިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަން ވަނީ ދެނެގަނެވިފައި. މިއަންނަ އަހަރުގެ ވަރަށް ކުރީކޮޅު، ކޮންމެ ރަށެއްގެ ހެލްތު ސެންޓަރުން ކޮންމެވެސްވަރެއްގެ ޚިދުމަތްތަކެއް މިކަމަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ." ނަސީމް ވިދާޅުވިއެވެ.

ހުޅުމާލޭގައި ޤާއިމުކުރި ހާފްވޭ ސެންޓަރުގެ ފަރުވާ ދޭނީ ގިނަ މުވައްސަސާތަކެއް ގުޅިގެންނެވެ. އަދި އެތަނުގައި އެއްފަހަރާ 20 މީހަކު ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބޭނުންވާ ޑޮކްޓަރުންނާއި ކައުންސިލަރުންނާއި އިދާރީ އެހެނިހެން މުވައްޒަފުން މިހާރު ވަނީ ހޯދާފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުންނަށްވެސް އެކަމުން ސަލާމަތްވުމަށްފަހުވެސް "އާފްޓަރ ކެއަރ"ގެ ޚިދުމަތްވެސް ހާފްވޭ ސެންޓަރުން ލިބިގެންދާނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

މިސެންޓަރުން މިހަފްތާގައި ޚިދުމަތް ފެށޭނެކަމަށް އެންޑީއޭއިން މައުލޫމާތުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން