ރާއްޖޭގެ ތައުލީމީ ދާއިރާއިން އެންމެ ގިނަ ޕީއެސްއައިޕީ މަޝްރޫއު ހިންގީ މިސަރުކާރުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޭ މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ހިނގި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ ކަންކަމުގެ އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ އޮޑިޓަށް ބިނާކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް، ޕީއެސްއައިޕީ މަޝްރޫއުތައް ރާވާލެވުނު ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ހަގީގަތުގައި މި ވަސީލަތްތައް ގާއިމުކުރަމުން ގެންދެވީ." މިނިސްޓަރު އައިޝަތު ޢަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާ ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތަފުސީލުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 220 މަޝްރޫއަކަށް ބަޖެޓު ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 44 މަޝްރޫއެއްގެ މަސައްކަތް ނިންމާ އެ ވަސީލަތްތައް މިހާރު ބޭނުންކުރަމުން ދާކަމަށެވެ. އަދި 97 މަޝްރޫއެއް މިހާރުވެސް އެބަ ހިނގާ ކަމަށާއި 16 މަޝްރޫއެއް އެވޯޑު ކުރުމުގެ މަރުހަލާގައި އޮތްއިރު ޓެންޑަރިން މަރުހަލާގައި 14 މަޝްރޫއެއް، ޕްރީ ޓެންޑަރިން މަރުހަލާގައި 6 މަޝްރޫއެއް އަދި ޕްލޭނިން މަރުހަލާގައި 43 މަޝްރޫއެއް ކުރިއަށް ދާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތައް އެއްދަންފަޅިއަށް ހިންގުމުގައި އެންމެ ބޮޑަށް ދިމާވާ ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށާއި އެހެންކަމުން މި ސަރުކާރުން މިހާރު ގާއިމުކުރަމުން މިދާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން