ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކިބަސްދެމުން ރައީސް ޔާމީންގެ ބައެއް ދިފާއީހެކިން ދޮގުހެކި ދީފައިވާކަން ސާބިތުކުރުމަށް ދަޢުލަތުން އިތުރުލިޔުންތަކެއް ޝަރީޢަތަށް ބަލައިގެންފިއެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ޤާޟީ ޝަކީލް ވިދާޅުވީ ދަޢުލަތުން ހުށައެޅި އާ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަލުން ހުށައެޅި ލިޔުންތަކަކީ ދިފާއީ ހެކިންގެ ކްރެޑިބިލިޓީއާ ގުޅޭ ހެކިތަކެއްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ. ހަމައެއާއެކު މައްސަލާގައި ހެކިބަސްދިން އަޙްމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ދައުލަތުން ކޯޓަށް ހުށައެޅިއެވެ. ނަރީޝް ރައީސް ޔާމީނަށް އެކިކަންކަމުގައި އެހީތެރިކަން ދެއްވިކަމަށް ބުނާ މުއްދަތުގައި ނަރީޝް ހުންނެވީ ސިފައިންގެ ވަޒީފާގައެވެ.

ދަޢުލަތުން ހުށައެޅި ލިޔުންތަކާގުޅިގެން ދިފާއީ ވަކީލުން ވަނީ އެކަމާމެދު ބަހުސްކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޝަރީޢަތުން އެފުރުސަތު އަރުވާފައެއް ނުވެއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން