ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ބޭރުފައިސާގެ ރިޒާވު ވަރަށްބޮޑަށް ދަށްވެ ރާއްޖެ ބަނގުރޫޓުވަމުން ދާކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ، ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ރައީސް ނަޝީދު، ރާއްޖެ ބަނގުރޫޓް ވެއްޖެކަމަށް އިއުލާނު ކުރައްވަމުން ގެންދިޔުމަކީ، ދައުލަތުގެ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.


އަދި އެއީ ގައުމު ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެފަދަ ނުރައްކާތެރި ބިރުވެރި ކަމެއްކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، އެފަދަ ވާހަކަފުޅުތައް ނުދެއްކެވުމަށް ޝަރީފް ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.



ޝަރީފް މިފަދައިން ގޮވާލެއްވިއިރު، ރައީސް ނަޝީދު މިފަހުން މަޖިލީހުގައި ވިދާޅުވެފައިވަނީ ރާއްޖެ ދަނީ ބަނގުރޫޓުވުމާއި ދިމާއަށް ކަމަށާއި އެހެން އެކަންވާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ބޭނުންފުޅު ނުވާކަމަށެވެ. އެހެންކަމުން މާލީ ހާލަތު އެއްވެސް ވަރަކަށް އޮޅުވާނުލައްވާ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ސަރުކާރަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން މި ވާހަކަ އެގޮތަށް ދެއްކެވިނަމަވެސް، ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ގެންދަވަނީ ރާއްޖެ ބަނގުރޫޓުވާކަމަށްބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. އަމީރު ވިދާޅުވީ އެއީ ސިޔާސީ ބޭނުމުގައި ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު