ކޯވިޑް19ގެ ހާލަތުގައި ކުރިމަތިވި އިގްތިސާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއެކު ޕްރައިވެޓް ސެކްޓަރުންވެސް ކުރި މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި، "ގޯލްޑް 100 ގާލާ" ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކޯވިޑް19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓަރުން ދެއްވި އެއްބާރުލުން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރުން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅިން ޕްރައިވެޓް ސެކްޓަރުގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެއް ސިނާޢަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ނާއިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށެވެ. މިގޮތުން ކޯވިޑް-19ގެ ހާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ހަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުހައްމަދު ސާލިހަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

"ގޯލްޑް 100 ގާލާ" ހަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީއީއޯ އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން