ޒަހީނުއްދީން ސަޢީދު   30 ނޮވެމްބަރު 2022 - 14:4
ކުރީގެ އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެއެވެ.

އިބްރާހިމް މަނިކު އަވަހާރަވީ، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެެއްގައި ކަމަށް މައުލޫމާތު ލިބެއެެވެ.

އިބްރާހިމް މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަސް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. ސަމަރޭ އަވަހާރަވިއިރު ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ. އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ މީގެ ދެތިން އަހަރު ކުރިން އަވަހާރަވެފައެވެ.

ސަމަރު ބްލޫ އިބްރާހިމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އަދި ދައުލަތުގެ މީޑިއާ އެންމެ ގިނަދުވަހު ހިންގެވި ކުޅަދާނަ ހުށައެޅުންތެރިއެއްވެސް މެއެވެ. އެގޮތުން ޒަމާންވީ ރޭޑިއޯ މޯލްޑިވްސް ޒަމާނުއްސުރެން އޭނާ ހުށައަޅައިދެމުން ގެންދިޔަ "ބާއްޖެވެރި ހެދުނެއް،" ޕްރޮގްރާމަކީ ރާއްޖޭގެ ގިނަބައެއްގެ މެދުގައި ވަރަށް މަގުބޫލް ވެގެންދިޔަ ޕްރޮގްރާމެކެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިބްރާހިމް މަނިކަށް ދާދިފަހުން ވަނީ ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް އަރުވާފައެވެެ. އެވޯޑް އިބްރާހިމް މަނިކަށް އަރުވާފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ބްރޯޑްކާސްޓިން އެވޯޑް ހަފުލާއެއްގައެވެ. އެ ހަފުލާ އަށްފަހު ޖެހިގެން އައި ދުވަހު އިބްރާހިމް މަނިކު ސިއްހީ ފަރުވާއަށް އިންޑިއާ އަށް ވަނީ ފުރާވަޑައިގެންފައެވެ.

އިބްރާހިމް މަނިކު އަވަހާރަވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން