ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ބަޖެޓަރީ ސަޕޯޓެެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަމަށެވެ. އަދި އިގްތިސާދީގޮތުން މިފަދަ ދަނޑިވަޅެއްގައި އިންޑިޔާއިން ފޯރުކޮށްދިން އެހީއަށް ޝަރީފް ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރަށްވާފައެވެ.

އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާއިރު ފޮރިން މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ އޮގަސްޓްމަހުގެ 1 އިން 4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ 100 މިލިއަން ޑޮލަރުގެ މާލީ އެހީ އިއްޔެ ދިވެހި ސަރުކާރާ ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފޮރިން މިނިސްޓްރިން ބުނެފައިވާ ގޮތުގައި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން