އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ޕްރައިމަރީ ކެމްޕޭން އިއުލާންކުރައްވައިފި އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިއުލާންކުރެއްވީ އިއްޔެ ހަވީރު އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމެެއްގައެެވެ. އެގޮތުން އެބައްދަލުވުމުގައި ވަނީ ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ގުރޫޕެއް ހަދައި ކެމްޕެއިން ރަސްމީކޮށް އަންނަ ހުކުރު ދުވަހު ފެށުމަށް ނިންމާފައެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައެވެެ.

ރައީސް ނަޝީދުގެ ކެމްޕެއިނަށް ޚާއްސަކޮށް، "އަންނި ޕްރައިމަރީ" ނަމުގައި ވަޓްސް އަޕް ގުރޫޕެއް ވެސް ވަނީ ހަދާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝާހިދު (ސާބެ) އެ ގުރޫޕުގައި ވިދާޅުވީ، އެއީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމްޑީޕީގެ 94،000 މެމްބަަރުންގެ ތެރެއިން އެންމެ ފަހުގެ ކޮންގްރެސްގެ ފަހުން ކަނޑާލާފައިވާ "36،000 އެމްޑީޕީ ހާޑްކޯ" މެމްބަރުންގެ ވޯޓު ޔަގީންކޮށް، އެ މީހުން އަލުން މެމްބަރުންނަށް ހެދުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ޕްރައިމަރީގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރަށްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ޕާޓީ މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންގެ މެދުގައި ޝޯޝަލް މީޑިޔާގައި ދަނީ ވަރުގަދަ ބަހުގެ ހަމަލާތައް ވެސް ބަދަލުކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން