ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލެންސީ ސޫ ކޮކް ލެންގް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ބައްދަލު ކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ ބައްދަލުކުރައްވައި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ސިންގަޕޫރު ގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ވަކިން ޚާއްޞަކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ތަޢުލީމާއި، ވިޔަފާރީގެ ދާއިރާއާއި، ދަނޑުވެރިކަމާއި، އިޢާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސިންގަޕޫރު ސަފީރު މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ތަޢުލީމީ ކަރިކިއުލަމް ޑިވެލޮޕްކުރުމާއި ވޮކޭޝަނަލް ތަމްރީނާއި ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތަކާއި ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަދަ އިނިޝިއޭޓިވްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ދެ ޤައުމުންވެސް ޢިލްމާއި ތަޖުރިބާ ޙިއްޞާކުރަންޖެހޭކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަފީރު ގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު