ރޭގެ މެޗްގައި އެވަޓަންގެ މިޑްފީލްޑަރ ޓޮމް ޑޭވިސް ފޮނުވާލި ހަމަލާ
ރޭގެ މެޗްގައި އެވަޓަންގެ މިޑްފީލްޑަރ ޓޮމް ޑޭވިސް ފޮނުވާލި ހަމަލާ
30 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ހޯދުމަށް ލިވަޕޫލުން ކުރާ އިންތިޒާރު އިތުރަށް ދިގުވެއްޖެއެވެ. ލިވަޕޫލްގެ އިންތިޒާރު ދިގުވެފައިވަނީ، އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލް އާއި އެވަޓަން ވާދަކުރި މެޗް އެއްވަރު ވުމުންނެވެ.

ލަންޑަން މަރސޭސައިޑް ޑަރބީ މެޗްގައި، ރޭ އެވަޓަންގެ ދަނޑުގައި ކުޅުނު މެޗް 0-0 އިން އެއްވަރުވެގެން ނިމުނު އިރު ރޭގެ މެޗް ލިވަޕޫލަށް ކާމިޔާބުކުރެވުނު ނަމަ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗް ކާމިޔާބުކޮށްގެން ތަށި އުފުލާލުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. އަދި މިރޭ ބަރންލީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީން ކުޅޭ މެޗް ސިޓީއަށް ނާކާމިޔާބުވެއްޖެނަމަ، ބުދަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެގެން ތަށި އުފުލާލުމުގެ ފުރުސަތު ލިވަރޕޫލަށް އެބައޮތެވެ.

ރޭގެ މެޗްގައި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ފެނިފައި ނުވާއިރު، ދެޓީމްގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ރޭގެ މެޗްގައި ލިވަޕޫލުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ފޮނުވާލި ނަމަވެސް އެވަޓަންގެ އިނގިރޭސި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލް ކީޕަރ އެލިސަން ވަނީ މޮޅު ކުޅުމެއް ދައްކައި، އެވަޓަން އިން އުފެއްދި ގިނަ ޙަމަލާތަކެއް ދިފާޢު ކޮށްފައެވެ. އެގޮތުން އެވަޓަންއަށް ކުޅެމުން އަންނަ ބްރެޒިލްގެ ރިޗަރލިސަން ފޮނުވާލި ހަމަލާއެއް ހުށިޔާރުކަމާއެކު އެލިސަން ރޭގެ މެޗްގައި ދިފާއުކޮށްފައިވާ އިރު މެޗް ނިމެން ގާތްވެފައި ވަނިކޮށް އެވަޓަންގެ ޑޮމިނިކް ކަލްވާޓް ލެވިން ލިވަޕޫލްގެ ގޯލާ ވަރަށް ކައިރީގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއްގެ ހުރަހަކަށްވެސް ވެފައިވަނީ އެލިސަންއެވެ.

އިނގިރޭސި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ލިވަޕޫލް 83 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ވުރެ އިތުރަށް އެޓީމަށް 23 ޕޮއިންޓް ވަނީ ލިބިފައެވެ. ލިވަރޕޫލަށް ލީގުގައި ބާކީ އޮތީ 8 މެޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން