ރޭޕްގެ ކުށް ސާބިތުވެ މިލަންދޫ މީހަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ދަޢުލަތުން ށ.މިލަންދޫ ބްލޫހައުސް، ޔޫސުފް ޙުސާމްގެ މައްޗަށް ކޮށްފައި ވަނީ ރޭޕުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދަޢުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ޙުސާމްގެ މައްޗަށް ރޭޕްގެ ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ދަޢުލަތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ވާޤިޢާ އެގޮތުގައި ހިނގާފައިވާކަމަށް އިޤުތިނާޢުވެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީއެވެ.

އެހެންކަމުން މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ހުސާމް 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންވަނީ ޙުކުމް ކޮށްފައެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖަލު އަދަބުގެ ގޮތުގައި ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި 9 މަހާއި 24 ދުވަހެވެ.

މީގެއިތުރުން އަންހެނަކަށް ބިރުދައްކައި މަޖުބޫރުކޮށްގެން ޖިންސީ ޢަމަލު ހިންގާފައިވާތީ ޙުސާމް އިތުރު ފަސް އަހަރަށް ޖަލަށް ލުމަށްވެސް ކޯޓުން ޙުކުމް އިއްވިއެވެ. އެހެންނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ޖަލުގައި ތަންފީޛު ކުރަންޖެހެނީ އެއް އަހަރާއި 9 މަހާއި 24 ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން