ސަރުކާރު މަސް ކުންފުނި، މިފްކޯއަށް މިއަހަރު އެންމެ ގިނައިން މަސް ގަނެފައިވަނީ ސެޕްޓެމްބަރުމަހުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން މިފްކޯގެ ސީ.އީ.އޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ އަތުން 60،566 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށެވެ. އަދި މުޅި ޖުމްލަ މަސްވެރިންނަށް 990.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރު އެންމެ ގިނައިން މިފްކޯއިން މަސް ގަނެފައިވަނީ ސެޕްޓެމްބަރުމަހުއެވެ. އެއީ 8220 މެޓްރިކް ޓަނުގެ މަހެވެ. އަދި ދެވަނައަށް އެންމެ ގިނައިން މަސް ގަތީ އޭޕްރީލްމަހުއެވެ. އެއީ 7690 މެޓްރިކް ޓަނުގެ މަހެވެ.

މިފްކޯއަށް އެންމެ މަދުން މަސް ގަތީ މެއިމަހުއެވެ. އެއީ 2630 މެޓްރިކް ޓަނުގެ މަހެވެ.

ޑިސެމްބަރުމަހަށް ބަލާއިރު، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 4230 މެޓްރިކް ޓަނުގެ މަސް ކިރާފައެވެ.

މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 60،566 މެޓްރިކް ޓަނުގެ މަސް ކިރައި، މަސްވެރިންނަށް 990.8 މިލިއަން ރުފިޔާ ދީފައިވާއިރު މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މަސް ކިރާ، އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިއަހަރުކަމަށް މިފްކޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން