ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް ފަށަން ތައްޔާރުވަމުންދާކަން، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ހާމަ ކުރައްވައިފިއެވެ.

ރީކޯ މިއަދު ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް ފަށަން މިހާރު ދަނީ ތައްޔާރުވަމުން ކަމަށާއި މިވާހަކަ އާންމުކޮށްލީ ބަޔަކު ތެޅިފޮޅިގެންފާނެތީ ކަމަށެވެ.

ބަޔަކު ތެޅިފޮޅިގެންފާނެތީކަމަށް ރީކޯ ވިދާޅުވެފައި އެވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ.

އެމްޑީޕީއަކީ ހަރުގެ ޖަލްސާތަކަށް ފަރިތަ އެކަމަށް މަޝްހޫރު ސިޔާސީ ޕާޓީއެކެވެ. ހާއްސަކޮށް ރައީސް މައުމޫންގެ ވެރިކަމުގައާއި ރައީސް ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ ހަރުގެ ޖަލްސާތައް ވަރަށް ފޯރިއާއިއެކު ކުރިއަށް ގެންދިޔައެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައިފަހުން އެމްޑީޕީގެ ހަރުގެ ޖަލްސާތައް އެއްކޮށްކަހަލަ ގޮތަކަށް އޮތީ މެދުކެނޑިފައެވެ.

ހާއްސަކޮށް މިކަމަށް އަސަރުކޮށްފައިވަނީ އެ ޕާޓީގައި އުފެދިފައިވާ ފެކްޝަންގެ ހިޔާލުތަފާތުވުންތަކާއެކުއެވެ. ފެކްޝަންގެ ވާދަވެރިކަމުގެ ތެރެއިން އެ ޕާޓީގެ ޗެއަރޕާސަން މިފަހުން ހޮވިއިރު މިހާރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އެންމެ ބޮޑަށް ވިއްކެވި އެއް ވާހަކައަކީ އެމްޑީޕީގެ ހަރަކާތްތައް އިތުރުކޮށް ޖަލްސާތަކާއި ހަރުގެ ޖަލްސާތައް ބޭއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން