ޖަމްބޯ ފޯވާޑިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކުއްލި ގޮތަކަށް ނިޔާވިނަމަވެސް ކަސްޓަމަރުންގެ މުދާ އަމާނާތްތެރި ކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދީފިއެވެ.

ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) އިއްޔެ މެންދުރު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ވަނީ ނިޔާވެފައެވެ. ޖަމްބޯ އިއްސެ އަކީ ޖަމްބޯ ފޯވާޑިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްސެގެ ކުއްލި ވަކިވުމަކީ އެކުންފުންޏަށާއި، ކުންފުނީގެ މުވައްޒަފުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެހެންނަމަވެސް، އެކުންފުންޏާ ހަވާލުކޮށްފައިވާ އެތައް ކަސްޓަމަރުންގެ މުދާ، ތާވަލްކުރެވިފައިވާ ގޮތުގެ މަތީން އަމާނާތްތެރި ކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެެ.

އަދި، އެކުންފުނީގެ މަސައްކަތް އިހުނެކޭ އެއްފަދައިން ނުހުއްޓި ކުރިއަށް ދާނެ ކަމަށާއި، ކުންފުނީގެ ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ލިބެމުންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އިއްސެ ނިޔާވިއިރު އޭނާ ގެންދިޔައީ ތައިލެންޑުގައި ފައިވާން އުފައްދާ ފެކްޓަރީއެއް ހިންގާ، ރާއްޖޭގައި ފައިވާން ވިއްކާ ފަރާތްތަކަށް ފައިވާން އުފައްދާ، ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރަމުންނެެވެ. 22 އަހަރު ފަހުން މިދިޔަ ނޮވެމްބަރު މަހު އިއްސެ ރާއްޖެއައީ އާއިލާ އާއި ބައްދަލުކޮށްލުމަށާއި އޭނާގެ ކުންފުނީގެ އޮފީހެއް މާލޭގައި ހުޅުވުމަށެވެ. ރާއްޖެ އައުމަށްފަހު އިއްސެ ވަނީ އޭނާގެ އުފަން ރަށް ފުވައްމުލަކަށް ވެސް ޒިޔާރަތް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން