އިންޑިއާގެ އެފްކޮންސް ކުންފުނީގެ ގުޅިފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު މީހާ ނުފެންނަ ކަަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެފްކޮންސްގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ބަޔަކަށް ވަނީ އަނިޔާލިބިފައެެވެ. އެ ހާދިސާއަށްފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ.

އެފްކޮންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 457 މީހުން ތިބި އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި ބޮޑު އަލިފާނު ހާދިސާގައި ގެއްލުނު އެކަކު އަދިވެސް ނުފެންނަ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަށް އެ މީހާގެ މައުލޫމާތު ދީފައިވާ ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްކޮންސް އިން ބުނީ އެމްއެންޑީއެފް ފަޔަރ ރެސްކިއު ޓީމުން މަސައްކަތް ނިންމައި، ރޯވި އިމާރާތުން މީހެއްގެ ހަށިގަނޑެއް ނުވަތަ އިންސާނެއްގެ ހަށިގަނޑެއް ފެނިފައި ނުވާކަން ކަށަވަރުކޮށްދީފައިވާ ކަމަށެެވެ.

މި ހާދިސާގައި 78 މަސައްކަތްތެރިންނަށް އަނިޔާވިއެވެ. އޭގެ ތެރެއިން 32 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، 24 މީހަކަށް ކުދިކުދި އަނިޔާތައް ލިބިގެން ފަރުވާ ދީފައިވާ ކަމަށާއި، ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވާ ކަމަށް އެފްކޮންސްއިން މައުލޫމާތުދެއެވެ.

އެފްކޮންސް އިން ހާމަކޮށްފައިވާގޮތުގައި ބާކީ ތިބި މީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެފްކޮންސް އިން ބުނީ ހާލުގައި ޖެހުނު ހުރިހާ މަސައްކަތްތެރިންނަށް ފޭރާމާއި މޯބައިލް ފޯނާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އާ އެކޮމޮޑޭޝަނަކަށް ގެންދިއުމުގެ މަސައްކަތްތައް ކުރަމުންދާ ކަަމަށެވެ.

އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ މުސާރަ ދީފައިވާ ކަަމަށާއި، މުވައްޒަފުންނަށް މުސާރަ ދޭން އޮންނަ މުއްދަތު މުސާރަ ދޭ ކަމަށް އެ ކުންފުނިން ބުންޏެވެެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންނަށް ދިމާވާ ހުރިހާ ނުރައްކަލެއް ސީރިއަސްކޮށް ބަލާނެ ކަމަށާއި، އަދި ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން