ސިޓި އާއި ބާންލީ ބައްދަލުކުރި މެޗްގެ ތެރެއިން
ސިޓި އާއި ބާންލީ ބައްދަލުކުރި މެޗްގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބާންލީ ބައްދަލު ކުރި މެޗް ބޮޑުތަފާތަކުން ކާމިޔާބުކޮށް ސިޓީން ފެންވަރު ދައްކާލައިފިއެވެ.

މީގެ ފަސް ދުވަސް ކުރިން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް 8 ބަދަލެއް ގެނެސްގެން ނިކުތް ސިޓީން މެޗް ފަށައިގެން މާއެދެވޭ ހަމަލާތަކެއް އުފެއްދޭގޮތް ނުވިނަމަވެސް އެޓީމުން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާއިން 22 ވަނަ މިނެޓްގައި އޭރިއާ ބޭރުން ފިލް ފޯޑެން ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއެކު އެޓީމުން ވަނީ މެޗްގެ ކޮންޓްރޯލް ހޯދައިފައެވެ.

ސިޓީން ޖެހި ދެވަނަ ގޯލް މެޗްގެ 43 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފާނަންޑީނިއޯގެ އެހީތެރިކަމާ އެކު ރިޔާދު މަހްރޭޒް އެވެ. ފެނާންޑިނިއޯގެ އެހީތެރިކަމާ އެކު ރިޔާދް މާރޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ. އޭގެ ދެ މިނެޓް ފަހުން ބާންލީގެ ޕެނަލްޓީ އޭރިއާ ތެރޭން ކެޕްޓަން ބެންމީ ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީ ކާމިޔާބު ކޮއްދީ ނަތީޖާ 3-0 އަށް ބަދަލުކޮށްލީ ވެސް ރަނގަޅު ފޯމެއްގައި ހުރި މާރޭޒް އެވެ.

ދެވަނަ ހާފްގައި ވެސް ބާންލީ ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކުޅެމުންދިޔަތަނެވެ. އޭގެ ފައިދާ ނަގައި ސިޓީން ވަނީ މެޗްގެ 51 ވަނަ މިނެޓްގައި އެމީހުންގެ ހަތަރު ވަނަ ގޯލް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާ ދިން ޕާހަކުން ޑޭވިޑް ސިިލްވާ އެވެ. އަދި އެޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ފިލް ފޯޑެން އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސަސްގެ އެހީ އާއެކު މެޗްގެ 63 ވަނަ މިނެޓްގައެވެ.

މެޗުން ބާންލީ ބޮޑު ތަފާތަކުން ބަލިވިއިރު އެޓީމަށް ލިބުނު އަނެއް ނުތަނަވަސްކަމަކީ ސަޕޯޓަރުންގެ މަދު ބަޔަކު އިސްވެ ތިބެ ސިޓީގެ ދަނޑު މަތީގައި ވިހުރުވި ބެނާ އެވެ. ބާންލީގެ ސަޕޯޓަރުން ދަނޑު މަތީގައި ވިހުރުވި ބެނާގައި ލިޔެފައިވަނީ "ވައިޓް ލައިވްސް މެޓަރ ބާންލީ" މިހެންނެވެ. މިގޮތަށް ބާންލީގެ ސަޕޯޓަރުން އަމަލުކުރުމުން އެޓީމުގެ ކެޕްޓަން މީ، މެޗަށް ފަހު ބުނީ އެއީ ކްލަބުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. ބާންލީގެ ބެނާ އިން ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަޕޯޓަރުން ދަނޑު މަތީގައި ބެނާ ދުއްވީ "ބްލެކް ލައިވްސް މެޓަރ" ބެނާގެ ދަށުން ދެޓީމުގެ ކުޅުންތެރިން މެޗު ފެށުމުގެ ކުރިން ކަކޫ މައްޗަށް ތިރިވެގެން ތިބި ވަގުތުގަ އެވެ.

މި މޮޅާއި އެކު ސިޓީން ވަނީ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު 20 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 30 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. ރޭގެ މޮޅާއެކު ސިޓީއަށް 63 ޕޮއިންޓު ވަނީ ލިބިފައެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއަށް 54 ޕޮއިންޓް ލިބިފައިވާ އިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ ފަސްވަނައިގަ 46 ޕޮއިންޓާއެކު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން