ކުރީގެ ރައީސް، ޔާމީން އަބުދުލްގައްޔޫމް އޮންނެވީ މާފުށީ ޖަލުގެ ވީއައިޕީ އެޕާޓްމެންޓެއްގައި ނޫން ކަމަށާއި އެމަނިކުފާނު އޮންނެވީ ގޮޅީގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ، ރައީސް ޔާމިނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހަދާފައިވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް ކަރެކްޝަނަލް ސާވިސުން ހާމަކޮށްފައިވަނިކޮށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން އޮންނެވީ "ގޮޅީގައި" ކަމަށެވެ. އަދި އެމަނިކުފާނު ގެންގުޅެނީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދޭންޖެހޭ އެއްވެސް އިހުތިރާމެއް ނުދީ ވަރަށް "އަނިޔާވެރިކޮށް" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވި ނަމަވެސް ކަރެކްޝަންސް ސާވިސުން ބުނީ މާފުށީގައި ރައީސް ޔާމީން ހުންނެވީ މީގެ ކުރިން ވެސް އެމަނިކުފާނު ހުކުމް ތަންފީޒު ކުރެއްވުމަށް ހުންނެވި ސުޕްޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށެވެ.

އާންމު ކުށްވެރިން ބައިތިއްބާ ގޮޅިތަކާ ވަކިން ހުންނަ އެ ޔުނިޓްގައި ފާހަނައަކާއި އެކު ހުންނަ ކޮޓަރިއެއްގެ އިތުރުން ސިޓިންރޫމެއް ވެސް ހުރެއެވެ. އަދި ކަސްރަތުކޮށްލާ ނިކުމެ އުޅެލުމަށް ވަކިން ތަންކޮޅެއް ހަދާފައި ހުންނައިރު އެހެން ގައިދީން އާއި ޚިލާފަށް ޚާއްސަ ކެއުންތައް ވެސް ލިބޭނެ ކަމަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު