ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރާއެކު ދެއަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލުމާ ގުޅިގެން ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރޮނާލްޑޯ 2025އާ ހަމައަށް ސައުދީގެ ކްލަބާ ގުޅުނީ، އަހަރަކު ގާތްގަނޑަކަށް 214 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އެއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ބޮޑު މުސާރަ އެވެ.

ޢުމުރުން 37 އަހަރުގެ ރޮނާލްޑޯ، ބުނެފައިވަނީ އޭނާ ހުރީ ތަފާތު ގައުމެއްގައި އެހެން ފުޓްބޯޅަ ލީގެއް ތަޖުރިބާކުރަން ތައްޔާރަށް ކަމަށެވެ. ރޮނާލްޑޯ ބުނީ ޔޫރަޕްގައި އޭނާ ހޯދަން ބޭނުންވާ ހުރިހާ ކާމިޔާބީއެއް މިހާރު ހާސިލް ކުރެވިއްޖެ ކަމަށެވެ.

އަލް ނަސްރުގެ ރަސްމީ މީސްމީޑިއާ އެކައުންޓުތަކުގައި ބުނެފައި ވަނީ، މިއީ ތާރީޚީ ޓްރާންސްފާ އަކަށްވުރެ ބޮޑަށް، ފުޓުބޯޅައިގައި އެ ކުލަބުން ހޯދަމުން އަންނަ ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ކުރި ޓްރާންސްފާއެއް ކަމަށެވެ.

ފަސް ފަހަރަށް ބެލަންޑޯ އެވޯޑު ހާސިލްކޮށްފައިވާ ރޮނާލްޑޯ، ސީނިއާ ކެރިއަރު ފެށީ ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބަން އިންނެވެ. އެ ޓީމަށް ކުޅެދިން 31 މެޗުގައި ރޮނާލްޑޯ ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

އެއަށްފަހު 2003 ވަނަ އަހަރު ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑާ ގުޅުނުއިރު، އެ ކުލަބު ދޫކޮށްދިއުމަށްފަހު 2021 ވަނަ އަހަރުގެ ފަހުކޮޅު އޭނާ އެކުލަބަށް އަލުން ކުޅެފައިވެއެވެ. މި ދެ ފަހަރުގެ މަތިން އޭނާ ވަނީ އެ ކުލަބަށް 346 މެޗުން 145 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ޔުނައިޓެޑާއެކު ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ. އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެ ފަހަރަށް ކާމިޔާބު ކޮށްފައިވެއެވެ. މީގެއިތުރުން އީއެފްއެލް ކަޕު ވެސް ދެ ފަހަރަށް އޭނާ ކާމިޔާބު ކޮށްފައިވެއެވެ.

އޭގެފަހުން ރެއާލްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އެ ޓީމަށް ކުޅެދިން 438 މެޗުން ރޮނާލްޑޯ ވަނީ 450 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ރޮނާލްޑޯ އަކީ ރެއާލްގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އެ ޓީމާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔޫއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު، ލަލީގާ، ސްޕެނިޝް ސުޕާ ކަޕް އަދި ކޮޕާ ޑެލްރޭ ދެ ފަހަރަށް ކާމިޔާބު ކޮށްފައެވެ.

އިޓަލީގެ ޔުވެންޓަސްގައި ރޮނާލްޑޯ ވަނީ 134 މެޗުން 101 ލަނޑު ޖަހާފައެވެ. ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕާ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ރޮނާލްޑޯ ވަނީ ޔޫރަޕްގެ މަތީފަންތީގެ ލީގުތަކުގެ ފުޓުބޯޅައިގައި ޖުމްލަ 701 ލަނޑު ޖަހާފައެވެ. ގައުމީ ޓީމަށް 118 ލަނޑު ޖަހާދީފައިވާ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ސީނިއާ ކެރިއަރުގައި ޖުމްލަ 819 ލަނޑު ރޮނާލްޑޯ ޖަހާފައިވާއިރު، އޭނާ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

އޭގެ އިތުރުން ޕޯޗުގަލް އިން ފުޓުބޯޅައިގައި ހޯދި ހަމައެކަނި ހައިބަތު ބޮޑު ކާމިޔާބީތައް ކަމުގައިވާ ޔޫރޯ 2016 މުބާރާތާއި ނޭޝަންސް ލީގު ކާމިޔާބުކުރީ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން