ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިދިޔަ އަހަރު މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މިފްކޯއަށް ވަނީ 63579 ޓަނުގެ މަސް ކިރާފައެވެ. އަދި ކިރުވި މަހަށް، މިފްކޯއިން ވަނީ މަސްވެރިންނަށް 1،039،406،705 ރުފިޔާ ވަނީ ދީފައެވެ.

މިދިޔަ އަހަރު 63579 ޓަނުގެ މަސް ކިރާފައިވާއިރު 2021 ވަނަ އަހަރު މިފްކޯއިން މަސްވެރިންގެ އަތުން ގަނެފައިވަނީ 58،350.31 މެޓްރިކް ޓަނުގެ މަހެވެ. އަދި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދަކީ 901،786،841 ރުފިޔާއެވެ.

މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރު ވެފައިވަނީ މިފްކޯގެ 12 އަހަރުގެ ތާރީހުގައި މަސްވެރިންގެ އަތުން އެންމެ ގިނައިން މަސްގަނެ އަދި މަސްވެރިންނަށް ފައިސާ ދޫކުރި އަހަރަށެވެ.

2022 ވަނަ އަހަރު އެންމެ ގިނައިން މަސް ކިރާފައިވަނީ ސެޕްޓެމްބަރުމަހުއެވެ. އެއީ 8656 މެޓްރިކް ޓަނުގެ މަހެވެ. އަދި އެމަހު މިފްކޯއިން ވަނީ މަސްވެރިންނަށް 144،201،644 ރުފިޔާ ދޫކޮށްފައެވެ.



މިފްކޯއިން މަސްވެރިންގެ ތަރައްޤީއަށް މަސައްކަތްކުރަމުންދާއިރު މަސް ކިރުވުމަށް ކިޔު ހެދުން ނިމުމަކަށް ގެނެވޭނެކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިފްކޯގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު މަސްވެރިން ބޭނުންވާ ފެންވަރަށް ޙިދުމަތްތައް ދެވިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ތަރައްޤީއަށް މި ސަރުކާރުން ކުރިއަށްގެންދާ 2 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއެކު މަސް ގަތުމުގެ ކެޕޭސިޓީ އިތުރުވެގެންދާއެވެ. އަދި ކޫއްޑޫ އާއި ފެލިވަރު އިތުރަށް ތަރައްޤީކުރުމާއި، އިތުރު ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތާއެކު، ފްރީޒިންގ ކެޕޭސިޓީ 1300 ޓަނާއި ހަމައަށް އިތުރުވެގެންދާނެއެވެ.

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި މިވަނީ މަސް ބާނާ މިންވަރާ އަޅާކިޔާއިރު، މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމެވެ. ރާއްޖެ ކުރިއަރައިގެން ދިޔައިރު، މި ސިނާއަތުން އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ވަރަށް މަދެވެ. އެހެންކަމުން ފެލިވަރު ތަރައްޤީކުރުމުގެ 45 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢު ރައީސް ސާލިހުގެ ސަރުކާރުން އިޢުލާންކުރެއްވީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި 2021 ވަނަ އަހަރު ވަނީ މި މަޝްރޫއުގެ މުހިންމު ޢަމަލީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކީ މަސްކިރުމަށް ޚާއްސަ ބަނދަރެއް ތަރައްޤީކުރުމާއި، އަދި މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން