ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީގެ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންނަށް ސަރުކާރުން ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ތުހުމަތުކޮށްފައިވާތީ އެކަމާ ގުޅިގެންނެވެ. އެތުހުމަތުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ. އަދި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.





ނަޝީދުގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެެވެ. އެގޮތުން، ވާދަވެރި ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު އެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް މިވަގުތު ހުންނެވީ ކެމްޕޭން ދަތުރުފުޅެއްގައި އަތޮޅުތެރޭގަައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން