ހުޅުމާލޭގައި ފެނުގެ ޑިމާންޑް އުފުލެމުންދަނީ ލަފާކުރި ވަރަށް ވުރެ ބާރު ސްޕީޑްގައިކަމަށް އެމްޑަބްލިއުއެސްސީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ މާލެ ސަރަހައްދުގައި ފެނުގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލެމުންދާކަމަށެވެ. އަދި ހުޅުމާލޭގައި ޑިމާންޑް އިތުރުވަމުން ދަނީ ލަފާކުރި ވަރަށް ވުރެ ބާރު ސްޕީޑްގައިކަމަށްވެސް ޝާހު ވިދާޅުވިއެވެ. އެހެންކަމުން ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޝާހު ފާހަގަކުރެއްވިއެެވެ.

"ހުޅުމާލޭގައި ފެނުގެ ޑިމާންޑް އުފުލެމުންދަނީ ލަފާކުރި ވަރަށްވުރެ ބާރަށް. ބައެއް ދުވަސް ދުވަހު ފެން އުފެއްދެނީ ބޭނުންކުރެވޭ މިންވަރާއި އެއްވަރަށް. އެއީ ރަނގަޅު ގޮތެއް ނޫން. ކެޕޭސިޓީ އެބަޖެހޭ އިތުރުކުރަން. ކެޕޭސިޓީ އިތުރުކުރުމަށް މިހާރުވެސް މިދަނީ މަސައްކަތް ކުރަމުން. 3000 ޓަނުގެ ފެން ޕްލާންޓަށް ގެނައުމަށް މަސައްކަތް ކުރަމުންދަނީ. އޮގަސްޓްމަހު ޕްލާންޓް ލިބޭނެކަމަށް ލަފާ ކުރެވޭ." ޝާހު ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް 20000 ޓަނުގެ ފެން އުފައްދަމުން އަންނަކަމަށާއި ދުވާލެއްގެ މައްޗަށް 18000 ޓަނުގެ ފެން ބޭނުން ކުރަމުން އަންނަކަމަށެވެ. އަދި ހުޅުމާލޭގައި މިހާރުވެސް ދުވާލެއްގެ މައްޗަށް 11000 ޓަނުގެ ފެން ބޭނުން ކުރަމުން އަންނަކަމަށް ޝާހު ވިދާޅުވިއެވެ.

ހުޅުމާލެއާއި މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައިވެސް ފެނުގެ ޑިމާންޑް ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެކަމަށް ބަލައިގެން އެކަމަށްވެސް ދަނީ މަސައްކަތް ކުރަމުންކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މާލެ ސަރަހައްދުގައި އުފައްދާ ފެނުގެ މިންވަރު އިތުރުކުރުމަށް 3000 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަަމަށެވެ. އަދި މާލޭގައި 13000 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ޕްލާންޓް ބެހެއްޓުމަށް ނިންމާ، އެކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާކަންވެސް ޝާހު ފާހަގަކުރެއްވިއެެވެ.

ޝާހު ވިދާޅުވީ ކުރިން ދިމާވި ބައެއް ހާދިސާތަކުގައި މުޅި މާލެއިން ފެން ކެނޑުނަސް، އެފަދަ ހާލަތަކަށް ނުދާނެ ގޮތަކަށް މިހާރު ކަންކަން އިންތިޒާމްކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ ތަނަކުން ފެން އުފެއްދުމުގެ ބަދަލުގައި އެކި އެކި ސަރަހައްދުތަކުގައި އެ މަސައްކަތް ކުރަމުންދާކަން ޝާހު ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން