ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ މައްޗަށް، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އުފުލި ދައުވާގައި ދޮގު ހެކިބަސް ދިންކަމަށް ބުނާ މައްސަލައިގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހަށް ހާޒިރުކޮށްފިއެވެ.

ދޮގު ހެކި ބަސް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ނަރީޝް ޕޮލިހަށް ހާޒިރުކޮށްފައިވަނީ ރޭ 8:00 ޖެހިއިރުއެވެ. އަދި އޭނާއަށް ކުރާ ތުހުމަތު ސާފުކޮ⁦ށްދީފައިވެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުންވެސް އަދި ނަރީޝްވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ޔާމީނަށް ކުރި ދައުވާ ސާބިތުވެ، އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ނަރީޝް ހުށަހަޅާފައިވަނީ، ދައުވާ ކުރި މައްސަލައިގައި ހިމެނޭ ފައިސާގެ މުއާމަލާތަކީ، ޑޮލަރުގެ މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތު ކުރުމަށެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމިންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅި ނަރީޝްގެ ހެކި ބަހަކީ، ދޮގު ހެކި ބަހެއްކަމަށެވެ.

މިމައްސަލައިގައި ނަރީޝްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހަކާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ކުރީގެ ވަޒީރު އަހްމަދު ޒުހޫރު ވެސް ހެކި ބަސްދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރީޝްގެ އިތުރުން ހެކިބަސް ދިން އެހެން ބައެއް މީހުންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން