އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި ރާއްޖެއަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާއި ރައީސް ނަޝީދު ވާދަވެރި ކެމްޕެއިނެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. މިގޮތުން ދެ ކެނޑިޑޭޓުންނާއި އެ ބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެމުންނެވެ.

ކެމްޕެއިންގެ ފޯރިގަދަވެފައިވަނިކޮށް ރޮޒައިނާ ވިދާޅުވީ ހަލަބޮލިކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ނުގެނެސްދެވޭނެކަމަށެވެ. އަދި އެ ސަބަބަށްޓަކައި ރައީސް ނަޝީދުގެ ވެރިކަމެއްގެ ތެރެއިން ރާއްޖެއަށް ހަމަޖެހުން ލިބުމުގެ ފުރުސަތެއް ނެތްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސާލިހަކީ ހަމަޖެހުމަށް ލޯބިކުރައްވާ ބޭފުޅެއްކަމަށާއި ވެރިކަން ކުރެވޭނީވެސް އެމަނިކުފާނަށްކަމަށެވެ.

"ހަލަބޮލި ކަމަށް ލޯބިކުރާ މީހަކަށް ހަމަޖެހުމެއް ނުގެނެސްދެވޭނެ. މިސަބަބަށްޓަކާ ރ ނަޝީދުގެ ވެރިކަމެއްގެ ތެރެއިން މިޤައުމަށް ހަމަޖެހުން ލިބުމުގެ ފުރުސަތެއް ނެތް. ރައީސް އިބޫ އަކީ ހަމަޖެހުމަށް ލޯބިކުރައްވާ ބޭފުޅެއް. މިކަން ކުރެވޭނީ އިބޫއަށް." ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު އެ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އިންތިހާބަށް އޮތް މުއްދަތު ކުޑަތަންވަމުން އަންނައިރު ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން