މިމަހުގެ ފުަރަތަމަ ހަފްތާގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް އާމްދަނީގެ ގޮތުގައި 143 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފިއެވެ.

މިމަހުގެ ފުަރަތަމަ ހަފްތާގެ ތަފާސް ހިސާބުތައް މީރާއިން އާއްމުކޮށްފައިވާއިރު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ނަގަމުން އަންނަ ޓީޖީއެސްޓީއާއި ޖީއެސްޓީގެ މިންވަރު ވަނީ ބޮޑުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ބަލައިގެންފައިވަނީ 143،903،122 (ސަތޭކަ ސާޅީސް ތިން މިލިއަން ނުވަލައްކަ ތިންހާސް ސަތޭކަ ބާވީސް) ރުފިޔާއެވެ.

މީރާއަށް ބަލައިގެންފައިވާ އާމްދަނީގެ ތަފްސީލަށް ބަލާލާއިރު ޖީއެސްޓީގެ ގޮތުގައި 13.7 މިލިއަން ރުފިޔާ، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 15.9 މިލިއަން ރުފިޔާ، ގްރީން ޓެކްސް 12.8 މިލިއަން ރުފިޔާ ލިބިފައެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ ބިމު ކުލިންނެވެ. އެއީ 56.4 މިލިއަން ރުފިޔާއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސްގެ ރޭޓްތައް ބޮޑުކޮށްފައިވާއިރު ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީ ރޭޓް %12 އިން %16 އަށް ވަނީ ބޮޑުވެފައެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ ރޭޓް %6 އިން %8 އަށް ވަނީ ބަދަލުވެފައެވެ.

ޖީއެސްޓީއަށް މިއައި ބަދަލާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަނެއްހާ ރުފިޔާ އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން