އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން ހެއުނުވާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސަންގުޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން، ރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅިގެން ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވެ ޔައުގޫބް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ ރާއްޖެ ބަނގުރޫޓްވެފައިވާކަން އިއުލާންކުރުމަށް ކަމަށެވެ.

އަދި ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރަށްވައި ވެރިކަމަށް ވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރަށްވާނެ ކަމަކީ ރާއްޖެ ބަނގުރޫޓްވެފައިވާކަން އިއުލާންކުރެއްވުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ރާއްޖެ ބަނގުރޫޓްވެފައިވާކަން އިއުލާންކުރާ ހިސާބުން ރާއްްޖޭގެ ހާލަތު އަވައްޓެރި ލަންކާ ދިޔަ ހާލަތަށް ވުރެ ދަށައް ދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ރާއްޖެ ބަނގުރޫޓްވިކަން އިއުލާންކުރާ ހިސާބުން ރާއްޖޭގައި ތިބި އިންވެސްޓަރުން ރާއްޖެ ދޫކޮށްދާނެ ކަމަށެވެ. އަދި އެހާލަތުގައި ރާއްޖެއިން ނަގާފައިވާ ލޯންތަކަށް ވަގުތުން ފައިސާ ދައްކަން ގައުމުތަކުން އަންގާނެ ކަމަށާއި އަދި ރާއްޖެ ހިންގަން ބޭނުންވާ ލޯނު އެއްވެސް ގައުމަކުން ނުދޭނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"އޭރުން މުޅިގައުމު އަނދަވަޅަކަށް ވެއްޓުނީ، ގައުމުގެ ވިޔަފާރިތައް ބަނގުރޫޓްވީ. ގައުމުގެ އިގްތިސާދު ހަލާކުވީ. ގައުމު ފުން އަނދަވަޅަކަށް ވެއްޓުނީމަ އޭގެ މާނައަކީ ރައްޔިތުން ނިކަމެތިވެ ހާލުގައި ޖެހުނީ. ލަންކާ އަށްވުރެ ނުބައި ހާލަތަކަށް އެހާލަތުގައި ދިވެހިރާއްޖެ ދާނެ، ރާއްޖެއަކީ ހުރިހާ އެއްޗެއް ބޭރުން ގެނެސްގެން މެނޭޖްކުރަމުންދާ ގައުމެއް." ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން ޔައުގޫބް ވަނީ ރާއްޖެ ލަންކާގެ ހާލަތަށް ނުދަނީސް އެހާލަތަށް ގެންދަންވީތޯއޭ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ. ޔައުގޫބް ވިދާޅުވީ ގައުމުދެކެ ލޯބިވާ މީހަކު އެފަދަ ވާހަކައެެއް ނުދައްކާނެ ކަމަށެވެ. އެހެން ނަމަވެސް މިވޭތުވެ ދިޔަ ދޮޅު އަހަރު ތެރޭގައި ތަކުރާރުކޮށް ރައީސް ނަޝީދު ރާއްޖެ ބަނގުރޫޓްވާނެ ވާހަކަ ދައްކަވަމުން ގެންދެވިކަމަށް ޔައުގޫބް ވިދާޅުވިއެވެެ.

"އެހެންވީމަ އަޅުގަނޑު މިގައުމު ދެކެ ލޯބިވާތީ މި ދަންނަވަނީ ރައީސް ނަޝީދު މިގައުމުގެ ވެރިކަމަށް ގެންނަން ހެއުނުވާނެއޭ. އެހެންވެއްޖެ ކަމަށްވާނަމަ މިފަދަ ހާލަތެއްގައި އެކަންކޮށްފިނަމަ ފުރަތަމަ ކަމަކަށް އޮތީ ގައުމު ދަރަނިވެރިވި ކަމަށް އިއުލާންކުރުމޭ، އޭރުން މުޅި ގައުމު ޚަރާބުގެ ތެރެއަށް އެ ވައްޓާލެވުނީ." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވަނީ މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ވޯޓް ދެއްވައި ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން