ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ކްރޮސް ސަބްސިޑީ އުޞޫލުން ފައިނޭންސް ހޯދަން ހުޅުވާލައިފިއެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ.

އެގޮތުން އެއަރޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

ހައްދުންމަތީ ކައްދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށް ކްރޮސް ސަބްސިޑީ އުޞޫލުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެއް ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ އިއްޔެ ނެރުއްވި ގަރާރެއްގައެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާކަމަށް ވަނީ ގަރާރުގައި ކަނޑައަޅާފައެވެ.

ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވައުދަކަށްވާއިރު އިޤްތިޞާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްޤީ ކުރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ އެ އަތޮޅުގެ ކައްދޫގައި އޮންނަ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް އިއްޔެ ނެރުއްވި ގަރާރުގައި ރާއްޖޭގެ 6 ސަރަޙައްދެއްގައި އެއަރޕޯޓް އެޅުމަށް މަޝްރޫއަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރެއްކަމަށް ކަނޑައަޅާފައިވަނީ 3 މިލިއަން ޑޮލަރެވެ. އަދި ދެން އިއުލާނުކޮށްފައިވަނީ ގިރާވަރުފަޅު ހިއްކައި އެ ތަނުގައި ރެސިޑެންޝަލް ސިޓީއެއް ޤާއިމްކުރުމަށެވެ. އެކަމަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5 މިލިއަން ޑޮލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން