ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގައުމަށް އިތުރު ގެއްލުމެއް ނުލިބޭތޯ ދުއާ ކުރަންޖެހޭކަމަށް އިސްލާމް ދީނުގެ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮނުވާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވުމުންނެވެ.

އިޔާޒު ވިދާޅުވީ ޔައުގޫބް ހެއްދެވީ ވަރަށް ބޮޑު ތެދެއްކަމަށެވެ.

އިޔާޒު ވިދާޅުވީ ނަޝީދަކީ ދީނީ އަދި ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ފަރާތެއް ކަމަށެވެ. އަދި އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅާ މަސައްކަތް ކުރަންޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ތެދެއް ‎ޔައުގޫބް. ދީނީ އަދި ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ފަރާތެއް ‎މުހައްމަދު ނަޝީދަކީ. އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ." އިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ސަންގުޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން، ރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅިގެން ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވެ ޔައުގޫބް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ ރާއްޖެ ބަނގުރޫޓްވެފައިވާކަން އިއުލާންކުރުމަށް ކަމަށެވެ.

އަދި ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރަށްވައި ވެރިކަމަށް ވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރަށްވާނެ ކަމަކީ ރާއްޖެ ބަނގުރޫޓްވެފައިވާކަން އިއުލާންކުރެއްވުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ރާއްޖެ ބަނގުރޫޓްވެފައިވާކަން އިއުލާންކުރާ ހިސާބުން ރާއްްޖޭގެ ހާލަތު އަވައްޓެރި ލަންކާ ދިޔަ ހާލަތަށް ވުރެ ދަށައް ދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މިގައުމު ދެކެ ލޯބިވާތީ މި ދަންނަވަނީ ރައީސް ނަޝީދު މިގައުމުގެ ވެރިކަމަށް ގެންނަން ހެއުނުވާނެއޭ. އެހެންވެއްޖެ ކަމަށްވާނަމަ މިފަދަ ހާލަތެއްގައި އެކަންކޮށްފިނަމަ ފުރަތަމަ ކަމަކަށް އޮތީ ގައުމު ދަރަނިވެރިވި ކަމަށް އިއުލާންކުރުމޭ، އޭރުން މުޅި ގައުމު ޚަރާބުގެ ތެރެއަށް އެ ވައްޓާލެވުނީ." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވަނީ މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ވޯޓް ދެއްވައި ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން