ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 15 ވާ އާދީއްތަ ދުވަހު ހުޅުވާލާ ގޮތަށް ގައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.

ގައުމީ އިނާމު ދިނުމުގެ އުސޫލަށް ގެނައި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމެވެ.

އަނެއް ބަދަލަކީ، މިހާރު އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމުއިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، ކުންފުނި، ޖަމުއިއްޔާ، ޖަމާއަތްތަކަށްވެސް، ހިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެންނަ ބަދަލެވެ.

މީގެއިތުރުން، މިހާރު އިނާމު ދޭ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާއެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި، ހިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވެފައި ވުމުންނެވެ.

އަދި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުއިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ހިދުމަތްތަކަށާއި، އަދި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބަލާގޮތަށް ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ހިތްވަރު ދިނުމުގެ އިނާމު ދޭނީ އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ހިދުމަތް ކުރުމުންނެވެ. އަދި، ކުންފުނި ޖަމުއިއްޔާ ޖަމާއަތެއް ނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ.

މި އަހަރު ގައުމީ އިނާމު ދޭން ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން