ކޮވިޑާއިި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތް ނުކުރިނަމަ ރާއްޖެ ބަނޑަށްޖެހި ބަނގުރޫޓްވީސް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެެ.

ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުން އެ މަސައްކަތް ނުކުރިނަމަ ކޮވިޑުގެ ހާލަތުގައި ރާއްޖެ ބަނޑަށްޖެހި ގައުމު ބަނގުރޫޓް ވީސް ކަމަށެވެ. މިއަދު ރައްޔިތުން އާންމު ހާލަތަކަށް އައިސް މަގުމައްޗަށް ނިކުމެ އުޅެެވެނީ އޭރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައްޔިތުންނަށްޓަކައި ސްޓެމިއުލަސް ލޯނުގެ ގޮތުގައި 3.2ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި ކަރަންޓު ބިލުން 209 މިލިއަން ރުފިޔާ އާއި ފެން ބިލުން 88 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން 1400 ވިޔަފާރި އަކަށް 347 މިލިއަން ރުފިޔާގެ ލުއި ލޯނާއި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 22000 މީހުންނަށް 421 މިލިއަން ރުފިޔާ ހިލޭ ދީފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ކުދި ކުދި ވިޔަފާރި ކުރާ ފަރާތްތަކަށް، ފަހާ މީހުންނާއި ބޯކޮށާ މީހުންނާއި ގޭތެރޭގެ މަސައްކަތް ކުރާ 669 މީހަކަށް 20 މިލިއަން ރުފިޔާ ހިލޭ އެހީގެގޮތުގައި ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާއިރު އެކަންތައްތަކަކީ ވެފައި ހުރި ކަންތައްތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މުޅިން އެބައި ދޫކޮށްލާފައި ކުރިއަށް ގެންދާތަން މިފެންނަނީ. ތިބޭފުޅުން ފުންކޮށް ވިސްނަވަންވާނެ އެދުވަހު އެކަންވީގޮތާއި މިއަދު މި ހިސާބަށް އާދެވުނު ގޮތާއި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ވެދާނެ ގޮތް. މިއީ މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަ އިގްތިސާދީ ޅޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށާއި އޭރު ކަންތައްވީ ގޮތާއި މިފަހަރު ކޮވިޑާއި ގުޅިގެން ސަރުކާރުން ކުރި ކަންތަކާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރު ކަންކުރިގޮތަކީ ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ، މުވައްޒަފުން މަދުކުރީ ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އެތައް ހާލެއްގައި އުޅުނު އެތައް ރައްޔިތުންނެއް ތިބި. ސަރުކާރެއްގެ ޒިންމާއަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.، އެއީ ކޮވިޑާއި ގުޅިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ. އަދިވެސް ދުނިޔޭގެ އިގްތިސާދު އަރައެއް ނުގަނެވޭ، އަޅުގަނޑުމެންނަށް ގޮންޖެހުންތަައް އެބަހުރި، މި ގޮންޖެހުންތަކުން އަރައިގަނެވޭނީ މިފަދަ ވިސްނުމެއްގައި މިހާރު މިކަން ކުރާގޮތަށް ކަންތައް ކުރާބަޔަކު ސަރުކާރުގައި ތިބެގެން. އޭރު އެމަސައްކަތް ކުރިގޮތަށް ކުރާ ބަަޔަކު ތިބެގެން އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖެ ސަލާމަތް ކުރެވޭނެ ކަމަކަށް،"ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން