އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ އައްޑޫގެ މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން މިއަދު ހަވީރު ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމްޑީޕީ އުފެއްދުމަަށް އައްޑޫ ސިޓީގެ ރައްޔިތުން ވީ ގުރުބާނީ އެމަނިކުފާނު ހަނދުމަފުޅު އެބަހުރި ކަމަށެވެ. އަދި މިއަދު ވެސް އައްޑޫ ސިޓީގެ މެމްބަރުން ތިބީ އެ ޕާޓީއާ އެކީގައި އެ ގޮތުގައި ކުރިއަށްދާން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި އެއް ދާއިރާއަކުން އެއް ރަށަކުން އެންމެ ގިނަ ބަޔަކު ވޯޓުލަނީ އައްޑޫ ސިޓީންކަން ފާހަގަކުރަށްވާފައެވެ. އެކަމުން ވެސް އައްޑޫ ސިޓީއާއި އެމްޑީޕީއާއި އިސްލާހީ މަސައްކަތާ އޮތް ގުޅުން ވަރަށް ބޮޑަށް ސާފުވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ނުވެ މި ރާއްޖެ ތަރައްގީއެއް ނުވާނެ ކަމަށެވެ. ރާއްޖެ އަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފާހަގަ ފުރަތަމަ ޖެހެން ޖެހޭ ތަނަކީ ވެސް އައްޑޫ ކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބައެއް. މިއީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ 2018 ގެ ކެމްޕެއިންގެ ފަހު ޖަލްސާގައި އައްޑޫގައި ވިދާޅުވި ފަދައިން އައްޑޫގެ ޕްލޭން ތަންފީޒު ކުރަމުން އަންނަކަން ފާހަގަކުރަށްވާފައެވެ. އެގޮތުން އައްޑުއަށް ބިން އިތުރުކޮށް، ޓޫރިޒަމްގެ ކަންކަން ފެތުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫގައި ވަކިން އޮތް ތިން ރަށުގެ ބަނދަރު ނިމި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް އަންނަނީ ނިމެމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫގެ ކަރަންޓު ވިއުގަ މުޅިން ބަދަލުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން