ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފެށުމުގެ ނަމުގައި ފަޅުރަށްތައް ބަހާލަައި ޖެއްސެވީ ބޮޑު ސަކަރާތްގަނޑެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ހަވީރު އައްޑުއަތޮޅު ފޭދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ނަޝީދުގެ ސަރުކާރުން ދަތުރު ފަތުރުފަތުރުގެ ނިޒާމު ފެށުމުގެ ނަމުގައި ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ދިޔައީ ފަޅު ރަށްތައް ބަހާލަމުން ކަމަށެވެ. އެއީ ބޮޑު ސަކާރަތްގަނޑެއް ކަމަށާއި އެކަމުން އަދިވެސް ސަލާމަތްނުވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް. އޭގެން ސަލާމަތް ނުވެގެން އަޅުގަނޑުމެން މި އުޅެނީ. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑް ކުރެވޭ. އެއް ބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެއަށްވުރެ ބޮޑަށް. ކިހިނެއްތޯ މިކަން ކުރާނީ." ރައީސް ސޯލިހް ވިދާޅުވި އެވެ.

މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ އެއްވެސް ރޭވުމެއް ނެތި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރައީސް ސޯލިހް ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކަންތައްތައް ކުރަމުން ދަނީ ދުރާލާ ރާވައިގެން، ވިސްނުންތެރިކަމާއެކުގައި މިފަދަ ކަމެއް ދެން ސަރުކާރަކަށް ކުރިމަތި ނުވާނެ ގޮތްތައް ރާވައިގެން ކަމަށެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުތަކުން އައްޑޫގައި ޕްރޮޖެކްޓުތައް ހިންގަން އުޅެފައި އެބަހުރި ކަމަށާއި އަދި އައްޑޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ނަމުގައި ވެސް ކަންތައްތަކެއް ހިންގިކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަމުގައި އެތައް އަހަރެން ހޭދަކުރަން ޖެހުނު ކަމަށާއި މިއީ ޕްލޭނެއް ނެތި ކުއްލި ކުއްލިއަށް ކަންކަން ކުރުމުގެ ނަތީޖާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން