އަހުމަދު މަސްނޫމް   15 ޖެނުއަރީ 2023 - 16:22
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

3 ދުވަހުގެ މިދަތުރުފުޅަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ކެންބޯޑިއާގެ ބޮޑުވަޒީރަށްް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

މި ދަތުރުފުޅަކީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.



ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ކުރީގެ އަސްކަރީ ކޮމާންޑަރެކެވެ.

ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން