ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓެކްސަށް ލުއިތަކެއް ދޭންޖެހޭކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިނަރ މޯލްޑިވްސް އަދި އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެގެ ދެކުނުގައާއި އުތުރުގައި ފަތުރުވެރިކަން ތަރައްގީވެ، ކުރިއަރަމުންނުދާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ދަތުރުފަތުރާބެހޭ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ފިރާގު ވިދާޅުވީ ދެކުނުގެ ޓޫރިޒަމް ފައްކާ ކުރުމަށް ވަކި މުއްދަތަކަށް ޓެކްސްތައް ކަނޑާލުން ނުވަތަ ކުޑަކޮށްފިނަމަ އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށެވެ.



ފިރާގުގެ ވާހަކަތަކަށް ބައެއް ފަރާތްތަކުން ވަނީ ތާއީދުކޮށް ވާހަކަދައްކާފައެވެ. އެގޮތުން ދަތުރުކުރަންޖެހޭ ރާސްތާއަކީ ކަންކަން އިންތިޒާމް ކުރާއިރު ރިޔާއަތްކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އެފަދަ ދުރު ތަންތަނަށް ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ލުއި ދެވިދާނެކަން ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

ހިޔާލު ފާޅުކުރި ބައެއް ފަރާތަކުން ވަނީ ފަތުރުވެރިކަން ކުރިއަރާފައި ނުވާ ސަރަހައްދުތަކުގައި ޓެކްސް ފްރީ ޒޯންތައް ކަނޑައަޅައިގެން ފަތުރުވެރިކަން ތަރައްގީކުރެވޭނެކަމަށް ބުނެފައެވެ.



މާލެ ސަރަހައްދާއި މާލެ ކައިރީ ބައެއް ސަރަހައްދުތަކުގައި ފަތުރުވެރިކަން ކުރިއެރިނަމަވެސް ރާއްޖޭގެ އެންމެ ދެކުނާއި އެންމެ އުތުރުގައި ރައްޔިތުންެ ބޭނުންވާ ވަރާއި ގާތަށްވެސް ފަތުރުވެރިކަން ތަރައްގީ ކުރެވިފައެއް ނެތެވެ. އަދި އެކަމަށް އެދެވޭ ހައްލުތަކެއް އަންނަ މަންޒަރެއްވެސް ނުފެނެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކަކީ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން