އައްޑޫ ސިޓީން ހިއްކަމުންދާ ފަސް ފަޅުގައި ރިސޯޓް ހެދުމުން އެ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިމަހު އަށާވިސް ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި އެ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ސާލިޙަށް ތާއިދު ކުރަށްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އައްޑޫގެ ބިން ހިއްކުމަކީ އެތައް ޒަމާނެއް ވަންދެން އެ ސިޓީގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެކަން ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ސާލިޙު ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އައްޑޫގެ އިގްތިސާދީ ކުރިއެރުން ގުޅިފައި އޮތީ ހިއްކާ ޓޫރިޒަމްގެ ފަސް ރަށާއި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫގެ މުސްތަގުބަލް އުޖާލާވާނީ ރައީސް ސާލިޙު ފައްޓަވާފައިވާ މަޝްރޫއުތައް ފުރިހަމަވުމުން ކަމަށެވެ. އެގޮތުން އައްޑުއަަށް އެންމެ މުހިންމު ކަަމަކީ އެ ސިޓީގެ ބިން ހިއްކުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އައްޑޫގައި ހިއްކާ ފަސް ފަޅުގައި ރިސޯޓް ހެދުމުން އެ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

"މިއީ ރައީސްގެ ވިޝަނަރީ އައިޑިޔާ އެއް (ވިސްނުމެއް). ބަޔަކު އެއްބަސްވިޔަސް ނުވިޔަސް ހެއު ވެރިކަމުގެ މިސާލެއް،" ރައީސް ސާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުން ވަޅުގަނޑަކަށް ވައްޓާނުލައި ދެމެހެއްޓެނިވި ތަރައްގީއާއިގެން ކުރިއަށް ގެންދެވޭނެ ލީޑަރަކަށް ހުންނެވީ ރައީސް ސާލިޙު ކަމަށެވެ.



ޕްރައިމަރީ އާއި ދިމާކޮށް ރައީސް ސާލިޙާއި ވާދަކުރަށްވާ ކެންޑިޑޭޓް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ދައްކާ ވާހަކަތަކާއި ވައުދުތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ "އުޑުން ތަރި ބައެއް ބޭފުޅުން ބޭލުވިއަސް" އެއީ ބިލާހެއް ކަމަށެވެ. އަދި ހަގީގަތަށް ކުލަ ހުވަފެން ދައްކާ ލީޑަރުންނާއި މެދު ރައްޔިތުން ސަމާލުވާންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން