މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބޭ ބާރުގެ ދަށުން "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިންގ ސެކިއުރިޓީ ޚިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުޞޫލުގެ ދަށުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަޞޭޙަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވާކަމަށާއި އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

27 ޑިސެންބަރު 2022 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ބުނީ ގެޒެޓް ކޮށްފައިވާ "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް" ދިނުމުގެ އުޞޫލުގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ ޖެނުއަރީ 20 ވަނަ ދުވަހުންފެށިގެން އެފަދަ ފަރާތްތައް ޖޫރިމަނާކުރާނެ ކަމަށެވެ.

ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައެވެ.

މީގެ އިތުރުންވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ މި އުޞޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަވާއިދުން ކުނި އުކަން ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން މިހާރުވެސް ދަނީ މަގުމައްޗަށް ކުނި ނެރެމުންނެވެ. ވެމްކޯއިން ކުނި ނަގަނީ ކުނިއުކަން ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން