މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާކަމަށް އެ ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިހެން ބުނެފައި މިވަނީ ރާއްޖެއަށް ޒިރާޔަތްކުރި މީހަކު އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި އެއަރޕޯޓުން ގެއްލިފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފެތުރުމާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ސާފު ކޮށްދިނުމަށް އެ ސަރވިސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މިމައްސަލައިގައި ފުލުހުން ބުނީ އެފަރާތާ ކަސްޓަމުން ހަވާލުކުރީ މަސްތުވާތަކެތި އެތެރެކުރި ކަމަށްބުނެ ހިފެހެއްޓި މީހާ ކަމަށެވެ. އޭނާ މަސްތުވާތަކެތި އެތެރެކުރި ކަމަށްބުނާ ފޮށި ފުލުހުންނާ ހަވާލު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ސަރވިސްގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް އަތުލައިގަނެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމަށްފަހު މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލުވާ މީހުން ފުލުހުންނާއި ވަގުތުން ހަވާލުކުރާކަމަށެވެ. އަދި މިހާތަނަށް މިފަދަ ގޮތަކަށް އަތުލައިގަނެވިފައިވާ އެއްވެސް މަސްތުވާއެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައި ނުވާނެކަމުގެ ޔަގީންކަން އެފަރާތުން ވަނީ ދީފައެވެ.

އެހެންކަމުން ގާނޫނުން ކަސްޓަމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެފަދަ އަމަލުތައް ކަސްޓަމުން ކުށްވެރިކުރާކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. ނަމަވެސް ކަސްޓަމުގެ އެ މަސައްކަތަށް ހުރަސްއެޅޭފަދަ ކަމެއް ކޮށްފައިވަނީ ކޮންފަރާތަކުން ކަމެއް ކަސްޓަމުގެ ބަޔާނުގައި ނުބުނެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ކަސްޓަމްސްއަށް ލިބޭ ކޮންމެ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކޮންމެ ދުވަހަކުވެސް ބަލާފާސްކުރުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރިނަމަވެސް މިހުރިހާ ފަހަރަކީ މަސްތުވާތަކެތި ފެންނަ ފަހަރެއް ނޫންކަމަށެވެ. އަދި ނިމިދިޔަ 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު އަހަރުކަން އެސަރވިސްއިން ފާހަގަކުރެއެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ރާއްޖެއަށް ޕާކިސްތާނުން އައި މީހެއް މަސްތުވާތަކެއްޗާއެކު ކަސްޓަމްސްއިން އަތުލައިގަނެ އެމީހާ ފުލުހުންނާއި ހަވާލުކުރިއިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، މަސްތުވާތަކެތި ހުރި ލަގެޖް ފުލުހުންނާއި ހަވާލުކޮށްފައިނުވާކަމަށެވެ. އަދި މިއީ މިމަހު 8 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވެފައިވާ މީހެއްކަމަށާއި، އޭނާ ފުލުހުންނާއި ހަވާލުކުރިއިރު މަސްތުވާތަކެތި ކަސްޓަމްސްއިން ފުލުހުންނާއި ހަވާލު ކޮށްފައިނުވާތީ ހެކި ނެތިގެން އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން