މި ސަރުކާރުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ ވެރިކަމުގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ހއ. ކެލައަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ, ނިމިގެންދިޔަ ހަފްތާތެރޭ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް މަންޒަރަކީ, ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީ ވައުދުތަކުގެ ގިނަ މަސައްކަތްތަކެއް ގިނަ ރަށްރަށުގައި ފެށި އެކި މަރުހަލާގައި ކުރިއަށްދާ މަންޒަރު ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފައި އަނެއްބައި މަސައްކަތްތައް ކުރިއަށްދާއިރު ކޮންމެ ރަށަކުން ވެސް ރައްޔިތުން އެކަންކަން ބަލައިގަންނަ ކަމަށާއި ރައްޔިތުން ބޭނުންވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް ރައީސް ވިދާޅުވިއެވެ.

“ކޮންމެ ރަށަކުންވެސް އެކަން ބަލައިގަނޭ. އަދި ކޮންމެ ރަށަކުންވެސް އެ ރައްޔިތުން ބޭނުންވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން. އެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ ވެރިކަމުގައި އަޅުގަނޑުމެން ތިބެގެން.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭކަމަށެވެ.

“މީކީ އަޅުގަނޑަކަށް އަދި ހަމައެކަނި އެމްޑީޕީއަކަށް ކޮށްދޭ ކަމެއް ނޫން. މިއީ އެއަށްވުރެ މާބޮޑަށް ވިސްނުންތެރިކަމާއިއެކު މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމެއް.” ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދިނުމަކީ ފެށުނީއްސުރެ ވެސް އެމްޑީޕީގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން ވަކިތަނެއްގައި ވަކި މީހަކު ހުރުމުން އެމީހަކު އަސާސީ ހިދުމަތްތަކުން މަހުރޫމް ކުރުމަކީ އެއްވެސް އިރެއްގައި އެމްޑީޕީ ވަކާލާތުކުރި ގޮތެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން