ކުރީގެ ރައީސް ޔާމީން ޢަބްދުލް ގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނަމަ އެ އިންތިހާބު އިދިކޮޅުން ގަބޫލު ނުކުރާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ލީޑަރު ޖަލަށް ލައިގެން ބާއްވަން އުޅޭ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްކަމަށް ގަބޫލު ނުކުރާނެކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީން ކަމަށް އެ ކޯލިޝަނުން ބުނާ ބުނުން މިއަދުވެސް ވަނީ ތަކުރާރު ކޮށްފައެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެވޭ އިންތިހާބެއް ބަލައި ނުގަންނާނެކަމަށް އިދިކޮޅުން ބުނިއިރު މީގެކުރިން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ވެސް ވަނީ ޔާމީނަށް ބައިވެރި ނުވެވޭނަމަ އިންތިހާބު ބޭއްވިޔަ ނުދޭނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް, ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑަރ ކުރުމާއި ރިޝްވަތުގެ މައްސަލައިގައި އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ މިހާރު ހަމައެއްނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ އިންތިހާބު ބޭއްވިއިރު ހުރިހާ އިދިކޮޅު ލީޑަރުން ތިއްބެވީ ޖަލު ހުކުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިނާ

20-Feb-2023

2018 އިންތިހާބުގަ މުޙައްމަދު ނަޝީދު އަށް ވާދަ ނުކުރެވުނީ އޭރުގެ ވެރިކަމުގަ ތިބި މީހުން ހޭވި ހަޑިއަކުން. ތިމާމެން ހަޑި ހާވަން ދަސްކޮށްދީފަ މިހާރު ކޮން ވާހަކަ އެއް ތި ދައްކަނީ.



ޓްރެންޑިން