2008 ގައި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ދަތިތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޮޑެތި ގޯސްތަކެއް ހެދި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ހއ.ވކެލާއަށް ވަޑައިގެން އެޕާޓީގެ މެމްބަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އިގްތިސާދީ ދަތިކަމުގެ ތެރޭގައި އޭރުގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހެދި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ސިވިލް ސާވަންޓުންގެ ވަޒީފާތައް ގެއްލި، މުސާރަ އުނިވެ އެތައް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮވިޑާއިއެކު އިގްތިސާދީ އަޑިގަނޑަކާއި ކުރިމަތިލާން ޖެހުނުއިރު ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ. އެގޮތުން، ކޮވިޑުގެ ހާލަތުގައި ކަރަންޓާއި ފެނުން ސަބްސިޑީ އަދި ޑިސްކައުންޓު ދިންކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ ދަތި ވަގުތުތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން ހާލުގައި ޖެހިދާނެ ނިންމުންތައް ނިންމުމަކީ، އެއީ އެ ރައްޔިތުންގެ ވޯޓާއިއެކު ގައުމުގެ ވެރިއަކަށް އިންތިހާބުވާ ބޭފުޅަކު ހިންގައިގެން ވާނެ އަމަލެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ވިސްނަންވީ، ހަމައެކަނި ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ނޫންކަމަށެވެ. އެ ކެނޑިޑޭޓުގެ ގާބިލުކަމާއި، ރައްޔިތުންނަށް ދިމާވާ ދަތި ހާލަތްތަކުގައި ފޯރުކޮށްދޭ އެހީތަކާއި އަދި ހާއްސަކޮށް އެހެން ސިޔާސީ ފިކުރުތަކާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހުރި ގާބިލުކަމާއިމެދު ވިސްނަން ޖެހޭކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، 2008 ގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރު ދިމާވި އިގްތިސާދީ ކާރިސާގެ ފިޔަވަޅެއްގެ ގޮތުންކަމަށް ބުނެ ސިވިލް ސާވަންޓުން ވަޒީފާއިން ވަކިކޮށް މުސާރައިގެ އިނާޔާތްތައް ކުޑަކުރި ކަމަށެވެ.

2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ހޭދަވި، ދޮޅު އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތުގައި ސިވިލް ސާވަންޓުންގެ މުސާރަތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި ޕްރައިވެޓު ކުންފުނިތަކަށް ވެސް މުވައްޒަފުންގެ ވަޒީފާތަކަށް ބަދަލު ނުގެނެވޭނެހެން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭރު (ނަޝީދުގެ ވެރިކަމުގައި) އެ ހާލަތުގައި އެންމެ ފުރަތަމަ ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރީކަމަށެވެ. އަދި މުވައްޒަފުންގެ އަދަދަށް ބަދަލު ގެނެސް ތަފާތު އެކި ފިޔަވަޅުތައް އެޅުއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން އެތައް ރައްޔިތުންނަކަށް އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ހަގީގަތުގައި ސަރުކާރަކުން ބަލަން ޖެހޭނީ، އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ވީ ވަރަކުން އެހީ ފޯރުކޮށްދޭން ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުން އެއްވެސް ވިސްނުމަކާއި ނުލައި ދަތިވާ ގޮތަށް އެޅި ފިޔަވަޅުތަކެއްގެ ސަބަބުން، އާމްދަނީ ދަށްވެ ހާލުގައި އުޅެން ޖެހުނު އެތައް ބަޔަކު ތިބިކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން