ރާއްޖޭގެ ރަށްތަކުގައި ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އާރްޓީއެލް ބަހުގެ ހިދުމަތް ވިލިމާލޭގައި މިމަހު 20 ގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް އެ ޚިދުމަތް ދެމުންގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ, ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި 6 އިލެކްޓްރޯނިކް ވެހިކަލް ކަމަށެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެ ކަމަށާއި އަދި 4 މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަ އޮންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ ބަހުގެ ހިދުމަތް ވިލިމާލޭގައި ފުޅާކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން ކަމަށާއި ބަސް ރޫޓްތަކާއި ތާވަލުތަކުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނެކަމަށެވެ.

އާރްޓީއެލް ބަހުގެ ހިދުމަތަކީ މާލޭގައާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް މިހާރު އޮޕަރޭޓު ކުރަމުންދާ ވަރަށް ގިނަބަޔަކު ބަލައިގެންފައިވާ ހިދުމަތެކެވެ. ހާއްސަ ގޮތެއްގައި މާލޭގައި އެ ހިދުމަތް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން