އެންތަނީ މާޝިއަލް
އެންތަނީ މާޝިއަލް
ރޮބިން ވަން ޕާސީ އަށް ފަހު ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއަކު އިނގިރޭސި ޕްރިމިއާ ލީގުގައި ހެޓްރިކެއް ހަދައިފި އެވެ. 7 އަހަރު ފަހުން ލީގުގައި ޔުނައިޓެޑަށް ހެޓްރިކް ހަދައިދިނީ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއާލް އެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ޔުނައިޓެޑުން ކާމިޔާބު ކުރީ، 3-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ. ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ޔުނައިޓެޑުން ވަނީ އެޓީމުގެ އެންމެ އަގުބޮޑު ތަރި ފްރާންސްގެ ޕައުލް ޕޮގްބާ ހިމަނައިފައެވެ. އަދި، ޒުވާން ފޯވާޑް މޭސަން ގްރީންވުޑަށް ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު މެދުތެރޭގައި ޕޮގްބާއާ އެކު ކުޅުނީ މަޓިޗް އެވެ.

މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. މާޝިއާލް ފުރަތަމަ ގޯލު މެޗުގެ ހަތް ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފާޑް ނަގައިދިން ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމެން މިނިޓެކަށް ވެފައިވަނިކޮށް މާޝިއާލް ދެ ވަނަ ގޯލު ޖެހީ ޑިފެންޑަރު ވެން ބިސާކާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ސީނިއާ ކެރިއަރުގައި މާޝިއާލް ފުރަތަމަ ފަހަރަށް ހެޓްރިކެއް ހެދި ގޯލު 74 ވަނަ މިނެޓުގައި ޖެހީ އިނގިރޭސި ފޯވަރޑް ރަޝްފާޑް ދިން ބޯޅަ ހޯދުމަށް ފަހު ކީޕަރު ބޯމަތިން ޗިޕެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް އެންމެ ފަހުން ހެޓްރިކެއް ހަދައިދިނީ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި 2013 ވަނަ އަހަރުގެ އޭޕްރީލް މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ރޮބިން ވަން ޕާސީ އެވެ. އެ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ފާގަސަން ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލި ފަހުން ވޭތުވެދިޔަ ހަތް އަހަރު ދުވަހު ޑޭވިޑް މޯޔެސް އާއި ލުއީ ވެން ހާލް، ހޯސޭ މޮރީނިއޯ އަދި ވަގުތީ ގޮތުން ރަޔަން ގިގްސް ޔުނައިޓެޑްގެ ކޯޗުކަން ކޮށްފައިވެއެވެ. ހަތް އަހަރަށް ފަހު ޔުނައިޓެޑުން ހެޓްރިކް ހެދީ އެޓީމުގެ ކުރީގެ ފޯވާޑް އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގަ އެވެ. ވޭތުވެދިޔަ ހަތް އަހަރު ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކުން ވަނީ ޖުމްލަ 76 ހެޓްރިކް ހަދައިފަ އެވެ.

ރޭ ހޯދި މުހިއްމު މޮޅާއެކު ޔުނައިޓެޑަށް ވަނީ 31 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި ޔުނައިޓެޑް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ވުލްވްސް އޮތީ ހަ ވަނައިގަ އެވެ. ވުލްވްސް އިން މިރޭ ވަނީ ރައުލް ހިމެނޭޒްގެ ގޯލުން 1-0 އިން އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށްފަ އެވެ. މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑާ އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެވަޓަން އިން ވަނީ ރަށުން ބޭރުގައި 1-0 އިން ނޯވިޗް ބަލިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން