ގއ. ވިލިނގިލީގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ގއ. ވިލިނގިލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވިލިނގިލީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން އަދިި ރަށު ކައުންސިލް މެމްބަރުންނެވެ.

ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

ވިލިނގިލީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މިއީ 700 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވިލިނގިއްޔަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަނގަޅު އިޤްތިޞާދެއް އޮތް ރަށެއްކަމަށެވެ.

އަކްރަމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. އެގޮތުން ގެދޮރު އަޅަން ނުވަތަ އާބާތުރަ ފިލުވަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު ގެދޮރުވެރިޔާގެ ލޯނުގެ ދަށުން މިހާތަނަށް ގއ.އަތޮޅަށް އެކަނިވެސް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަމަޖައްސައި ދީފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ވިލިނގިލީ ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން، ހައުސިން ޔުނިޓްތައް ހަދާ ސަރަޙައްދަށް ބޭނުންވާ ބައެއް އާއްމު ޚިދުމަތްތައް ޤާއިމުކުރުން ހިމެނެއެވެ. އެގޮތުން ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދު އަލިކުރުމަށް ލައިޓް ޖެހުމާއި، ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ހެދުން ހިމެނެއެވެ. މީގެއިތުރުން ހައުސިންގ ޔުނިޓްތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް، އެތަނުގައި ޕާކެއް ހެދުންވެސް ހިމެނެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން