ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ޕްލޭންކޮށް ރާވައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކާއި ކުރާ ކޮންމެ ކަމެއް ކުރަނީ ޕްލޭންކޮށް ރޭވުމަށްފަހު ކަމަށެވެ. އަދި ކޮންމެ ކަމެއް ވެސް ފަށަނީ އެކަމަކަށް ބޭނުންވާ ފައިސާ ހޯދުމަށްފަހު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ހަމަ ހެނދުނު ހޭލާފައި ހުރިހާ ވަޒީރުން އެއްކޮށްފައި އާ މިއަދު ކުރަންވީ މިވެނި ކަމެކޭ ބުނެފައި މާދަމާ އަނެއްކަމަކަށް އެބުރިލާ ގޮތަކަށް ނޫން އަޅުގަނޑު މިކަންތަށް ކުރަނީ، ކޮންމެ ކަމަކީ ރޭވިގެން ޕްލޭން ކުރެވިގެން ފައިސާ އާއި އެކީގައި ކުރާ ކަންތައްތައް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި އެޕާޓީގެ މެންބަރުން ކުރިއަށް ދާނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށްތޯ ނުވަތަ ތަރައްގީއާ ދިމާލަށް ކުރިޔަށް ދާނީތޯ ނިއްމާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި ދަތުރުފަތުރުގެ ނިޒާމާއި މިސްކިތްތަކާއި އިސްލާމިކް ސެންޓަރުގެ މަސައްކަތްތަކާއި ކުޅިވަރުގެ އެތައް ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ވެރިކަން ކުރަން ލިބިވަޑައިގަތީ ދެ އަހަރެއްހާ ދުވަސް ކަމަށެވެ. އެހެން ނަމަވެސް އެހެން ސަރުކާރުތަކަށް 10 އަހަރުން ވެސް ނުގެނެވޭ ތަރައްގީ އެ ދެއަހަރު ތެރޭގައި ސަރުކާރުން ގެނެސްދީފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތަކީ އެމްޑީޕީ ވެރިކަމުގައި އޮތުން ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ވެރިކަން ލިބޭނެ ފަދަ ގޮތަކަށް ޕްރައިމަރީގައި މެމްބަރުން ނިންމާ ނިންމުމެއް ނިންމުމަަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންގެ އެދުމަކީ ވެސް އެއީ، މި ޕްރައިމަރީ ކާމިޔާބުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ ނިންމުންތައް ނިންމުން. އެއީ ރާއްޖެއަށް ވެސް އެންމެ ފައިދާ ހުރިގޮތް ކަމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އެމްޑީޕީއާއި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ގަބޫލުކުރޭ. އެހެންވީމަ މިދާއިރާގެ ހުރިހާ މެމްބަރުންގެ ފަރާތުން ވެސް އަޅުގަނޑު މި އެދެނީ އެމްޑީޕީއާއެކު ކުރިއަށް މި ކުރާ ދަތުރުގައި އަޅުގަނޑުމެންނާއި ބައިވެރިވެ ދެއްވުން." ރައީސް ސާލިޙު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން