ރޭގެ މެޗްގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި، މުޙައްމަދު ޞަލާޙް
ރޭގެ މެޗްގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި، މުޙައްމަދު ޞަލާޙް
30 އަހަރަށް ފަހު އިނގިރޭސި ލީގު ޗެމްޕިއަންކަން ލިވަޕޫލުން ގާތްގަނޑަކަށް ކަށަވަރު ކޮށްފިއެވެ. ލިވަޕޫލަށް މި ޔަޤީން ކަން ލިބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 އިން ހޯދި މޮޅާ އެކުއެވެ.

ރޭގެ މެޗުގެ 23 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން އަލެކްސަންޑަރ އާނޯލްޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަބީނިއޯ ދިން ބޯޅައަކުން ލިވަޕޫލްގެ މިޞްރު ތަރި މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެން ފަބީނިއޯ ވަނީ މެޗުގެ 55 ވަނަ މިނިޓްގައި ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އަދި ސަލާހު ހުސްކޮށްލާފައި ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސަޑިއޯ މާނޭ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގައެވެ.

ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 23 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 86 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ 30 މެޗުން 63 ޕޮއިންޓެވެ. ލީގުގައި މިރޭ ޗެލްސީގެ ދަނޑުގައި ކުޅޭ މެޗުން ސިޓީ އަށް މޮޅުނުވެވިއްޖަނަމަ ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ. މިރޭ ސިޓީ މޮޅުވެއްޖެނަމަ އަންނަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ލީގު ހޯދޭނެއެވެ.

އިނގިރޭސި ލީގުގައި ރޭކުޅެވުނު އިތުރު މެޗަކަށް ބަލާލާއިރު 1-0 އިން ބޯންމައުތުގެ މައްޗަށް ވުލްވްސް ވަނީ ކުރި ހޯދައިފައެވެ. މި މެޗުގައި ރައުލް ހިމެނޭޒް ދެ ވަނަ ހާފުގައި ވައްދާލި ގޯލާ އެކު އޭނާ ވަނީ މި ފަހަރު ލީގުގައި 15 ގޯލު ހަމަކޮށް ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި މެކްސިކޯ އަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފަ އެވެ.

އިނގިރޭސި ލީގުގައި މިރޭވެސް ފޯރިގަދަ މެޗްތަކެއް ކުޅޭނެއެވެ. އެގޮތުން ޓޭބަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ނިކުންނާނީ ވާދަވެރި ޗެލްސީ އާއި ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން