ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ހެއްކާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހު މަޖިލީހުން ފާސްކުރި އެ ބިލު ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ.

އެ ގާނޫނޫގައި ބުނެފައިވަނީ ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫނުން ދެވިދާނެ ކަމަށެވެ. އެގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ހެއްކާބެހޭ ބިލް ތަސްދީގު ކުރާތާ ހަ މަސް ފަހުން އެ ގާނޫނަށް އަމަލުކުރަން ޖެހޭކަމަށް އެ ގާނޫނުގައިވެއެވެ. އަދި މިއަދަކީ އެ ގާނޫނު ތަސްދީގުކުރިތާ ހަ މަސް ފުރޭ ދުވަސް ކަމުން މިއަދުން ފެށިގެން ކޯޓު މެދުވެރިކޮށް މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

އެ ގާނޫނުގައި މަސްދަރު ހާމަކުރަން ލާޒިމްކޮށްފައިވާ ކަންކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުޞޫލު ކަމުގައިވާ ހެކީގެ އުޞޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން